އަޅުގަނޑުމެންނާ މެދު

ޕަބްލިކް ސާރވިސް މީޑިއާ އަކީ ދިވެހިރާއްޖޭގެ ދައުލަތުގެ ރަސްމީ މީޑިއާ ޝަޚްޞެވެ. ޓީވީ އާއި ރޭޑިޔޯ އަދި އޮންލައިން މެދުވެރިކޮށް އާންމުންނަށް މީޑިއާގެ ޚިދުމަތް ފޯރުކޮށްދިނުމާއި މީޑިއާގެ ދާއިރާއިން އިންސާނީ ވަޞީލަތް ތަރައްޤީކޮށް ކުރިއެރުވުމަށް، ޤާނޫނު ނަންބަރު 9/2015 ގެ ދަށުން، "ޕަބްލިކް ސާރވިސް މީޑިއާ" ރަސްމީކޮށް އުފެދުނީ، 28 އޭޕްރިލް 2015 ގައެވެ. ޕަަބްލިކް ސާރވިސް މީޑިއާގެ މައިގަނޑު މަސްއޫލިއްޔަތަކީ މީޑިއާގެ ވަޞީލަތްތަކުން ފޯރުކޮށްދެވޭ ޚަބަރާއި މަޢުލޫމާތާއި މީޑިޔާގެ އެކި އުފެއްދުންތައް މެދުވެރިކޮށް، އަންގައިދީ، އުނގަންނައިދީ، އޮޅުންފިލުވައިދީ، މުނިފޫހިފިލުވައިދީ ހޭލުންތެރިކަން އިތުރުކުރުމެވެ.

މި ޚިދުމަތްތަކާއި އުފެއްދުންތައް ބައްޓަންކުރެވިފައިވަނީ، މުޖުތަމަޢުގެ އަމްނާއި، ސުލްޙައާއި، ހަމަޖެހުމާއި، އިޖްތިމާޢީ އެކުވެރިކަން ދިރުވައި ޢާލާކުރުމަށް މަގުފަހިކުރުމާއެކު، ދިވެހިރާއްޖޭގެ ޤައުމީ ބަހާތައްކަމުގައިވާ އިސްލާމްދީނާއި، ތާރީޚާއި، ސަޤާފަތާއި، ދިވެހީންގެ ރިވެތި އާދަކާދަތަކާއި، ޒަމާންވީ އިޖްތިމާޢީ އަޚްލާޤުގެ ތަރަހައިގެ މަތީގައެވެ. މި ބަޔާންކުރެވުނު ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ވިޔަފާރި އުސޫލުން ތަފާތު ޚިދުމަތްތަކާއި އުފެއްދުންތައް ތަޢާރަފުކޮށް، ކުރިއެރުވުމާއި، ކުންފުނީގެ އުފެއްދުންތެރިކަމާއި މާލީ ޤާބިލްކަން އިތުރުކުރުމަށްޓަކައި މިނިވަންކަމާއެކު ޙަރަކާތްތެރިވުމުގެ ފުރުޞަތު ވެސް ޕަބްލިކް ސާރވިސް މީޑިއާއަށް ޤާނޫނުން ވަނީ ތަނަވަސްކޮށްދީފައެވެ. ޕީއެސްއެމްގެ ޚިދުމަތުގެ ކުޑައިގެ ދަށުގައި މިއަދު، ޓެލެވިޜަން މޯލްޑިވްސް، ޕީއެސްއެމް ނިއުސް، ޔެސްޓީވީ އަދި މުންނާރު ޓީވީއާ އެކު 4 ޓީވީ ޗެނަލް އާއި،  ދިވެހިރާއްޖޭގެ އަޑު، ދިވެހި އެފްއެމް، އަދި ދީނުގެއަޑު ހިމެނޭގޮތުން ޖުމުލަ 3 ރޭޑިއޯ ޗެނަލްގެ އިތުރުން ޕީއެސްއެމްގެ ޑިޖިޓަލް މީޑިއާ ޕްލެޓްފޯމް، ޕީއެސްއެމް ކަނެކްޓް ހިމެނެއެވެ.

28 އޭޕްރިލް 2015 ގައި ޕީއެސްއެމް އުފެދުމާ ހަމައަށް މި ޚިދުމަތްތައް ދެމުން އައިސްފައިވަނީ 14 ފެބްރުއަރީ 2012 ގައި އުފެދުނު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އެމްބީސީ) އިންނެވެ. އޭގެ ކުރީން ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ދައުރު އަދާކުރަމުން އައިސްފައިވަނީ، އޭރު ވަކީން ދެމުން އައި ރޭޑިޔޯގެ ޚިދުމަތާއި ޓީވީގެ ޚިދުމަތް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށްޓަކައި 22 ޑިސެމްބަރު 2008 ގައި އުފެދުނު މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (ޢެމްއެންބީސީ) އިންނެވެ. ޤައުމީ ޓީވީގެ ޚިދުމަތުގެ އަލި ރާއްޖެއަށް ވިލުނީ، 29 މާރިޗް 1978 ގައެވެ. ޤައުމީ ރޭޑިޔޯގެ އަޑު އެންމެ ފުރަތަމަ ދިވެހި ޖައްވުގައި ގުގުމައިލީ 29 ޑިސެމްބަރު 1962 ގައެވެ.

އިތުރު މަޢުލޫމާތު

ވަޒީފާދޭ ފަރާތުގެ ބާވަތް
ދަޢުލަތް / ސަރުކާރު
ސިނާޢަތްތައް
  • ޕްރިންޓިންގ އަދި ރީޕްރޮޑަކްޝަން އޮފް ރިކޯޑެޑް މީޑިއާ
ލިބެންހުންނަ ވަޒީގެ ބާވަތްތައް
  • ފުލްޓައިމް
  • އިންޓަރން
  • ކޮންޓްރެކްޓް