ފާދިއްޕޮޅުގެ ދަރިންނަށް، ޚާއްޞަކޮށް ނައިފަރުގެ ދަރިންނަށް، ޢާއްމުކޮށް ދިވެހިރާއްޖޭގެ ދަރިންނަށް ތަޢުލީމާއި ތަރުބިއްޔަތު އަދި މަސައްކަތުގެ ހުނަރު ދަސްކޮށްދިނުމުގެ މަޤުޞަދުގައި މަދްރަސަތުލް އިފްތިތާޙްގެ ނަމުގައި ނައިފަރުގައި މަދްރަސާއެއް ވުޖޫދަށް އައީ 27 ޞަފަރު 1352 ގައެވެ. 13 ޞަފަރު 1352 ގައި އޭރުގެ މަޙްކަމަތުލް ދަޚިލިއްޔާގެވެރިޔާ ސޮއިކުރައްވާ ފަދިއްޕޮޅު އަތޮޅުވެރިޔާއަށް ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ. އެއީ މީލާދިން 22 ޖޫން 1933 ގައެވެ. ނުވަތަ 20 ޖޫން 1933 ގައެވެ. މަދްރަސަތުލް އިފްތިތާޙްގެ ބާނީއަކީ ފަޟީލަތުއް ޝައިޚް ޢަބުދުﷲ ފަހުމީ ދީދީ އެވެ. މަދްރަސަތުލް އިފްތިތާޙް ފުރަތަމަ ފެށުނީ ޅ. އަތޮޅުގޭގެ ދެކުނު ފެންޑާގައި ހިންގާ ކުލާސްތަކެއްގެ ގޮތުގައެވެ. ފަހުން ރައްޔިތުންގެ މައުލޫދު ހަރުގެޔަށް މި ކުލާސްތައް ބަދަލުކޮށް މަދްރަސަތުލް އިފްތިތާހް ގެ ނަމުން ނަންދިނެވެ. މައުލޫދު ހަރުގޭގައި ކުލާސްތައް ފެށި ނައިފަރާއި އެކި ރަށްރަށުގެ 155 ދަރިވަރުންނާއެކުގައެވެ.